ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތަށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދުމަށް މިޞްރުގެ ގައުމީ ޓީމުގެ ކޯޗު ޙުސާމް ޙަސަން ފީފާ ވޯލްޑް ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރުގަދަ މެސެޖެއް ދީފިއެވެ. ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ބަލިކޮށް މިޞްރުން ހޯދި ތާރީޚީ މޮޅު ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށް، ދަނޑުމަތީގައި ފަލަސްޠީނުގެ ދިދަ ވިހުރުވުމަށްފަހު، އޭނާ ވަނީ ފަލަސްޠީނަށް ކުރާ ތާއީދު އަނެއްކާވެސް ތަކުރާރުކޮށްފައެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙަސަން ވަނީ، މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް އޭނާގެ ޓީމު ކުޅެން އޮތް މެޗާ ބެހޭގޮތުން ވާހަކަދެއްކުން މެދުކަނޑާލުމަށްފަހު، ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތާ ބެހޭގޮތުން އަސަރުގަދަ ވާހަކަތަކެއް ދައްކާފައެވެ. ޙަސަން ވިދާޅުވީ، "ދުނިޔޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް ހަމްދަރުދީ ނުވާ އެއްވެސް މީހަކު ހުރިނަމަ، އެއީ ޢަރައްބެއް، ޔޫރަޕް މީހެއް ނުވަތަ އެމެރިކާ މީހެއް ކަމުގައި ވިޔަސް، އެއީ އިންސާނެއް ނޫން" ކަމަށެވެ. މި މައުޟޫއަށް އޭނާ ހަތަރު މިނެޓަށްވުރެ ގިނަ އިރު ވާހަކަދެއްކިއިރު، އެތަނަށް އެއްވެ ތިބި ގިނަ ނޫސްވެރިން ވަނީ އޭނާއަށް ތާއީދުކޮށް އަތްޖަހާ ސާބަސްދީފައެވެ.
އޮސްޓްރޭލިއާ އަތުން މޮޅުވުމަށްފަހު ފަލަސްޠީނުގެ ދިދަ ނެގި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ޙަސަން ބުނީ އެއީ ހަމައެކަނި އިންސާނީ އިޙްސާސެއް ކަމަށެވެ. އޭނާ ވަނީ ދުނިޔޭގެ ދެފުށްދެގޮތް ސިޔާސަތަށް ފާޑުކިޔަމުން، ޖަނަވާރަކަށް އަނިޔާއެއް ލިބުނަސް މުޅި ދުނިޔެ ތެދުވާ ކަމަށާއި، ނަމަވެސް މިސައިލް ހަމަލާތަކުގައި އެތައް ހާސް އިންސާނުން މަރުވުން މިހާރު އާދައިގެ ކަމަކަށް ވެފައިވާ ކަމަށް ބުނެފައެވެ. ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގައި މިހާތަނަށް 73 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 20 ހާހަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަން ފާހަގަކުރެވެއެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޙަސަން ބުނީ، ދުނިޔޭގެ ޗެމްޕިއަނުންނާއި ލިއޮނަލް މެސީއާ ދެކޮޅަށް ކުޅުނު ނަމަވެސް އޭނާގެ ޓީމުން ޖެހިލުންނުވާ ކަމަށެވެ. "އަހަރެމެންގެ ބޮލުގައި މިޞްރާއި، ޢަރަބި ދުނިޔެއާއި، އެފްރިކާއަށް އޮތް ޒިންމާއެއް އެބައޮތް. އަހަރެމެން ތަމްސީލުކޮށްދެނީ އެ ހުރިހާ އެންމެން،" ޙަސަން ވިދާޅުވިއެވެ. އޭނާ އިތުރަށް ބުނީ މިޞްރަކީ 7 ހާސް އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ވަރުގަދަ ޙަޟާރާތެއްގެ ވެރި ބައެއް ކަމަށާއި، ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.



