ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަރކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
6 ޖުލައި އިން 31 އޮގަސްޓް 2026 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަރކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެއެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެއެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެ ކަމަށާއި، މަހެއްގެ ތެރޭގައި 5,000 ރުފިޔާ ޚަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެއެވެ.


