ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، އީރާނާއި ގަތަރާ ދެމެދު ކަނޑުމަގުން ކުރާ ވިޔަފާރީގެ މުއާމަލާތްތައް އަލުން ފަށާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މިދިޔަ އާދީއްތަދުވަހު މިކަން ހާމަކުރައްވާފައިވަނީ ދޯހާގައި ހުންނަވާ އީރާނުގެ ކޮމާޝަލް އެޓާޗޭ އެވެ.
ދެގައުމުގެ ވިޔަފާރީގެ ގުޅުންތައް އަލުން ފެށިފައިވަނީ ފާއިތުވި މަހު އިރާނާއި އެމެރިކާއާއި ދެމެދު ސޮއިކުރެވުނު ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ހަތަރު މަސް ދުވަހަށް ދެމިގެންދިޔަ ހަމަނުޖެހުންތަކަށް ނިމުމެއް އައިސް ހަނގުރާމައިގެ ކުރިން ގަލްފް ސަރަހައްދުގެ ކަނޑުމަގުގައި އޮތް ދަތުރުފަތުރުގެ ނިޒާމަށް އަލުން ރުޖޫޢަވުމަށް ވަނީ މަގުފަހިވެފައެވެ. ނަމަވެސް، ގަލްފް ސަރަހައްދަށް ވަދެނިކުމެވޭ މަގުތަކުގެ ކޮންޓްރޯލްގެ މައްސަލައިގައި އަދިވެސް ބައެއް ދެބަސްވުންތައް ހުރިކަން ފާހަގަކުރެވެއެވެ.
އީރާނުގެ އޮފިޝަލެއް ކަމުގައިވާ އައްބާސް އަބްދުލްޚާނީ ވިދާޅުވި ގޮތުގައި، އީރާނުގެ ޑައްޔަރު ބަނދަރާއި ގަތަރުގެ އަލް ރުވައިސް ބަނދަރާ ދެމެދު މުދާ އުފުލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މި ނިންމުން ނިންމާފައިވަނީ ދޯހާގައި ހުންނަ އީރާނުގެ އެމްބަސީއާއި ގަތަރުގެ ކަމާބެހޭ އިދާރާތަކާ ދެމެދު ކުރެވުނު ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަށް ފަހުގައެވެ.
ޖިއޮގްރަފީ ގޮތުން ބަލާއިރު މި ދެ ބަނދަރަކީ ސަރަހައްދީ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ދެ ތަނެވެ. މީގެ ތެރެއިން އީރާނުގެ ޑައްޔަރު ބަނދަރަށް ހަނގުރާމައިގެ ތެރޭގައި އެކި ފަހަރު މަތިން ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ގަލްފް ސަރަހައްދުގެ ވިޔަފާރި މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫޢަވަމުންދާ ކަމުގެ އިތުރު ނިޝާންތައްވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޖަބަލް އަލީ ބަނދަރުން އީރާނުގެ މުދަލަށް އެންމެ ފަހުން ހުއްދަ ލިބެން ފަށާފައިވާ ކަމަށް އީރާނުގެ ޓްރޭޑް ޕްރޮމޯޝަން އޯގަނައިޒޭޝަނުން ވަނީ ހާމަކޮށްފައެވެ.
މުޅި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު ބަނދަރު ކަމަށްވާ ޖަބަލް އަލީ ބަނދަރުން ލިބުނު މި ލުޔާއެކު ގަލްފުގެ ދެ ފަރާތުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އަލުން ބަދަހިވެ، އިގްތިސާދީ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ބެލެވެއެވެ.



