އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތަށް މެޑަމް ސާޖިދާ ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.
މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމާ، ލޯގޯ އިފްތިތާޙު ކޮށްދެއްވާފައެވެ. ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާޙު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް އެކަމަނާ ބައްލަވާ ލެއްވިއެވެ.


