ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން ވަނީ މި ޚިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، 5 ދުވަސްތެރޭގައި ފައިނޭންސިންގ ލިބޭނެ ގޮތަށް ބަދަލުކޮށްފައެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް ބޭންކުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.
"ފައިނޭންސިންގ އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގ ގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މަރޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން"، ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މި ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މަރޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށް ކަމަށާއި، މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ ކަމަށެވެ.
މި ފައިނޭންސިންގ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންގ އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
ބީއެމްއެލް އިން ބުނީ މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.


