ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓްޕޭ" ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ޚަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އައު ޚިދުމަތެއް ކަމަށާއި، ސްޕްލިޓްޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު، 3 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށް މި ޚިދުމަތްދޭ ވިޔަފާރިތަކުން ސްޕްލިޓްޕޭގެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށާއި، ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރިޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށެވެ.
މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ބޭންކުން ވަނީ އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައި ކަމަށެވެ.
"މި ޚިދުމަތުގެ ސަބަބުން، ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ"، ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ޚިދުމަތެއް ކަމަށެވެ.


