ސަރުކާރުން އާންމުންނަށް ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގްސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުން ކުރާ "ދުވެލި" ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް" (ޕީއައިއެމްސް) ޕޯޓަލް މި ހަފްތާގެ ނިޔަލަށް އަދާހަމަކޮށް، އެއަށް ފަހު ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދިއުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެކިއެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރުމަށާއި މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސް ކުރަމުން ގެންދާނެ ހާއްސަ ޔުނިޓެއް ކޮންމެ ވުޒާރާއެއްގައި ގާއިމުކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީއާއެކު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ހާއްސަ އިސްކަމެއް ދީގެން ކުރުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައިވާ ކަމަށެވެ.
އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީ ކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.


