ސައޫދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި ސައޫދީއަށް ނިސްބަތްވާ 14 މީހަކު މަރުވެއްޖެއެވެ.
އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސައޫދީ ގަޑިން ހެނދުނު 6:00 ގައެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ހުޅަނގުން ސައޫދީގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ރަސް ތަނޫރާއަށެވެ. އެ ސަރަހައްދުގައި ހުންނަ އަރަމްކޯގެ ތެޔޮ ޓާމިނަލުން ސާފުނުކުރާ ތެޔޮ ބަރުކުރުމުގެ މަސައްކަތް ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، ހެލިކޮޕްޓަރު ވެއްޓުނު ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފުރިހަމަ ތަހުގީގެއް ފަށާފައެވެ.
ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ އެކްސްޕޯޓްކުރާ ސައޫދީން، ތެޔޮ ބަރުކުރުމުގެ ދަތުރުތައް އަވަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ހިނގި ހަމަނުޖެހުންތައް ހުއްޓާލުމަށް އެކުލަވައިލި ވަގުތީ އެއްބަސްވުމަށް އަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.




