އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސްއަށް ވަޑައިގެންފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވައިފިއެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ނަތަންޔާހޫ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވެގެންދާނެއެވެ. އަދި މިއީ ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރުގައި ނަތަންޔާހޫ އެމެރިކާއަށް ކުރައްވާ ހަތްވަނަ ދަތުރުފުޅެވެ.
އެކްސިއޯސް ނޫހަށް ދެއްވި ކުރު ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މި ބައްދަލުވުމަށް އެދިވަޑައިގަތީ ނަތަންޔާހޫ ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވޭނީ ޖުލައި 7 އާއި 8 ގައި ތުރުކީގެ އަންކާރާގައި ބާއްވާ ނޭޓޯ ސަމިޓަށްފަހު ޓްރަމްޕް އެނބުރި އެމެރިކާއަށް ވަޑައިގަތުމުން ކަމަށް ލަފާކުރެއްވޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މި ބައްދަލުވުން މި ދިމާވަނީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފާޅުގައި ފެންނަމުންދާ ދަނޑިވަޅެއްގައެވެ. އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ޓްރަމްޕްގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް އިސްރާއީލުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅޭތީ ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ.
ނިއުޔޯކް ޕޯސްޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލުބުނާނުގެ މައްސަލައިގައި ކޯފާވެގެން ޓްރަމްޕް ވަނީ ނަތަންޔާހޫއާ ފޯނުން ވާހަކަދައްކަވަމުން ހަރުކަށި ބަސްތަކެއް ރައްދުކުރައްވާފައެވެ. ނަމަވެސް، ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ކެނޑިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ. އޭނާގެ ބާރުވެރިކަން ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެންގެ ގުޅުން ވަރަށް ރަނގަޅު. 'ބޮސް' އަކީ ކާކުކަން އޭނާ (ނަތަންޔާހޫ) އަށް އެނގޭނެ،" ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލަކީ ޒަމާނުއްސުރެ ގާތް ދެ އެކުވެރިން ކަމުގައި ވީނަމަވެސް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ އާންމުންގެ ތާއީދު ދަނީ ވަރަށް ބޮޑަށް ކުޑަވަމުންނެވެ. މި ސަބަބުތަކާ ހުރެ ޓްރަމްޕްގެ މަގުބޫލުކަން ދަށަށް ދަމުންދާއިރު، މިއީ އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ޖޫން 17 ގައި ހަމަލާތައް ހުއްޓާލުމުގެ 14 ނުކުތާގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ނަމަވެސް، ހޯރްމުޒް ކަނޑުއޮޅީގައާއި ލުބުނާނު ބޯޑަރުގައި އަދިވެސް ދެފަރާތުން ހަމަލާތައް ބަދަލުކުރަމުންދާކަން ފާހަގަކުރެވެއެވެ.
Advertisement
Advertisement
އަންނަ ހަފުތާގައި އިސްރާއީލުގެ ބޮޑުވަޒީރު އެމެރިކާއަށް ވަޑައިގަންނަވަނީ

Advertisement
މި ލިޔުމާ ގުޅޭ
Advertisement
Advertisement

