ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ގާއިމުކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމެވެ. އަދި އާރުޑީސީގެ ފަރާތުން
ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ރިފާޢީ ބުޝްރީއެވެ.
ގއ. ވިލިނގިލީގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން އެއްބަސްވުމުގައި ސޮއިކުރައްވައިފި.https://t.co/XH8OW0HxkQ pic.twitter.com/FAexw2Re9R
— Maldives National Defence Force (@MNDF_Official) June 25, 2026
ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ މި ހިނގާ ރިޔާސީ ދައުރުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގއ. އަތޮޅުގައި ގާއިމުކުރެވޭ ފަޔަރ ސްޓޭޝަނެކެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ.
މި ފަޔަރ ސްޓޭޝަން ގާއިމުވެ ނިމުމުން، އެ ސަރަހައްދުގައި ދިމާވާ އަލިފާނުގެ އެކި ހާދިސާތަކަށް މިހާރަށް ވުރެ މާ އަވަސް މިނެއްގައި އިޖާބަދީ، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމްއެންޑީއެފުން ގަބޫލުކުރެއެވެ.


