ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އެގޮތުން ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ ކުރީގެ ސިޓީތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ކުރީގެ އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ޠާރިޤެވެ.
ކައުންސިލް އިންތިހާބުގެ ނަތީޖާއަށްފަހު ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ކެބިނެޓުގެ ބައެއް މިނިސްޓަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާދެއްވި ބޭފުޅުންގެ ތެރޭގައި މި ދެބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.




