ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އަދި މިފަހަރުވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.




