ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތްކުރައްވާ އަންހެން މުވައްޒަފުންނަކީ ޤައުމަށް ނުހަނު ބޭނުންތެރި އަދި މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ ބައެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަސް (އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ) ގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަހަކީ ޚާރިޖީ ދާއިރާގެ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 2022 ވަނަ އަހަރުއެވެ. މިއީ އދ. ގައި ރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރެއްގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤައުމުތައް ތަމްސީލުކޮށް ޚާރިޖީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ފާހަގަކުރަން ފެށި ދުވަހެކެވެ.
ޚާރިޖީ ވަޒީރުގެ މެސެޖުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދިވެހި ޚާރިޖީ ޚިދުމަތުގެ އަންހެން މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކޮށް، ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގައި އެ ކަނބަލުން އަދާކުރައްވާ ދައުރު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުސްތަޤްބަލުގައި ވެސް ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކޮށް ރާއްޖޭގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ޚާރިޖިއްޔާގެ އަންހެން މުވައްޒަފުންގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އަހަންމިއްޔަތުކަމަށްޓަކައި އެމަނިކުފާނަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.




