ގިނަ ވަގުތު އިށީނދެގެން ތިބެ މަސައްކަތް ކުރުމަކީ ހިތުގެ ބަލިތަކާއި، ހަކުރުބަލި އަދި ބަރުދަން އިތުރުވުން ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑެތި މީހުން އެމީހުންގެ ހޭލާ ހުންނަ ވަގުތުގެ ތިންބައިކުޅަ ދެބައި ހޭދަކުރަނީ އިށީނދެގެން ނުވަތަ ހަރަކާތްތެރިކަމެއް ނެތް ގޮތުގައެވެ.
ބްރިޓިޝް ޖަރނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިޢުކޮށްފައިވާ އާ ދިރާސާއަކުން ދައްކާގޮތުގައި، މަސައްކަތުގެ ފެންވަރަށް ބަދަލެއް ނުގެނެސް ސިއްހަތު ސަލާމަތްކުރުމަށް އެންމެ ރަނގަޅު ގޮތަކީ ކޮންމެ ގަޑިއަކުން 5 މިނެޓުގެ ހިނގާލުމެއް (މޫވްމަންޓް ސްނެކްސް) ނެގުމެވެ.
ކޮލަމްބިއާ ޔުނިވަރސިޓީން 11,000 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންކޮށްގެން ހެދި މި ދިރާސާއިން އެނގުނު ގޮތުގައި:
- ކޮންމެ ބައިގަޑިއަކުން ހިނގުން: މޫޑު ރަނގަޅުކޮށްދީ ވަރުބަލިކަން ކުޑަކޮށްދިން ނަމަވެސް، މިއީ މަސައްކަތަށް ބުރޫއަރާ ކަމެކެވެ.
- ކޮންމެ ދެ ގަޑިއަކުން ހިނގުން: މިއީ އެއްގޮތަކަށްވެސް ނުހިނގާ އިނުމަށްވުރެ ރަނގަޅު ގޮތެކެވެ.
- ކޮންމެ ގަޑިއަކުން 5 މިނެޓު ހިނގުން: މިއީ މަސައްކަތުގެ އުފެއްދުންތެރިކަން (productivity) އިތުރުކޮށް، މޫޑު ރަނގަޅުކޮށް، އަދި ހުޝިޔާރުކަންމަތީ ހުރުމަށް އެންމެ ފައިދާހުރި އަދި އަމަލީގޮތުން ކުރަން އެންމެ ފަސޭހަ ގޮތެވެ.
ދިރާސާގެ އިސް މުސައްނިފު ކީތު ޑިއާޒް ވިދާޅުވި ގޮތުގައި، މިގޮތަށް ކުދި ބްރޭކްތައް ނެގުމަކީ ސިކުނޑީގެ މަސައްކަތްތަކާއި، ސަމާލުކަމާއި ހަނދާން ވަރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ފޯނުން ވާހަކަދައްކާއިރު ކޮޅަށް ހުރެ ހިނގުން ނުވަތަ ހިނގަމުން ބައްދަލުވުންތައް ބޭއްވުމަކީވެސް ކުރެވިދާނެ ކަންކަމެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަނުން މި ދިރާސާއަށް މަރުހަބާ ކިޔާފައިވީ ނަމަވެސް، މިއީ ކުރު މުއްދަތެއްގެ ދިރާސާއަކަށް ވުމުން، ހިތުގެ ސިއްހަތަށް މީގެން ކުރާ ދިގު މުއްދަތުގެ ފައިދާ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވާކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.




