އިނގިރޭސި ބޮޑުވަޒީރު ކެއަރ ސްޓާމަރ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު އަނެއްކާވެސް މިވަނީ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ސްޓާމަރގެ އިސްތިއުފާއާއެކު ދެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ވެގެންދާނީ ފާއިތުވި ހަތް އަހަރު ތެރޭގައި އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވާ ހަވަނަ ބޮޑުވަޒީރަށެވެ.
މިއީ ޕާޓީއެތެރޭގެ ސިޔާސީ ވާދަވެރިކަމާއި އެ ގައުމުގެ ބަލިކަށިވަމުންދާ އިގްތިސާދާއި ގުޅިގެން ކުރިމަތިވެފައިވާ ފިއްތުންތަކުގެ ސަބަބުން ނިންމި ނިންމުމެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުންދެކެއެވެ·
މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރު އަދި ލޭބަރ ޕާޓީގެ ލީޑަރު ކެއަރ ސްޓާމަރ މަގާމުގައި ހޭދަވީ އެންމެ ދެ އަހަރު ދުވަހެވެ· ސްޓާމަރ ކުރިން ވަޑައިގެންނެވި ހަތަރު ބޮޑުވަޒީރުން ކަމަށްވާ ރިޝީ ސުނަކް، ލިޒް ޓްރަސް، ބޮރިސް ޖޯންސަން އަދި ތެރޭސާ މޭ އަށްވެސް ކުރިމަތިލާން ޖެހުނީ މިފަދަ އުނދަގޫ ގޮންޖެހުންތަކާއެވެ.
މީގެ ތެރެއިން ލިޒް ޓްރަސްގެ މަގާމުގައި ހޭދަވީ ދެ މަސްދުވަހަށްވުރެވެސް ކުރު މުއްދަތެކެވެ. ލިޒް ޓްރަސްގެ ދައުރު މިހާ ކުރުވާންޖެހުނީ ތައްޔާރުނުވެ ޓެކްސް ކުޑަކުރުމަށް އޭނާ އެޅުއްވި ފިޔަވަޅުތަކާއި ގުޅިގެން، އިނގިރޭސި މާލީ ބާޒާރު ބޮޑު ނުރައްކަލަކަށް ވެއްޓިގެންދާ ފަދަ ހާލަތަކަށް ދިއުމުންނެވެ.
ބޮސްޓަން ކޮންސަލްޓިންގ ގްރޫޕް (ބީސީޖީ) ގެ ޔޫކޭ ޗީފް އިކޮނޮމިސްޓް ރައުލް ރޫޕަރެލް ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހުގައި ހިނގާ މިފަދަ ހުރިހާ ކަމެއްވެސް ގުޅެނީ ގައުމުގެ އިގްތިސާދާ އެވެ. 2024 ވަނަ އަހަރު ލޭބަރ ޕާޓީން ވެރިކަމާ ހަވާލުވި ފަހުން، ހަފުތާއެއްގެ އެވްރެޖް މުސާރަ ކުރިއަރާފައިވަނީ އެންމެ 1 އިންސައްތައަށްވުރެ ކުޑަ މިންވަރަކަށެވެ. އަނެއްކޮޅުން، ޓެކްސްތައް ހުރީ ފާއިތުވި ގިނަ އަހަރުތަކާ އަޅާބަލާއިރު އެންމެ މަތީގައެވެ. މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާ ކަމުގެ އިހުސާސެއް ނުކުރެވެއެވެ.
އިނގިރޭސިވިލާތުގެ އިގްތިސާދީ ހާލަތު ރަނގަޅުނުވުމުގެ ސަބަބުން، 2024 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އެކަމަށް ބަދަލު ގެންނާނެ ކަމަށް ވައުދުވި ލޭބަރ ޕާޓީއަށް ބޮޑު ކާމިޔާބީއެއް އޭރު ލިބުނެވެ. ނަމަވެސް، ރަނގަޅު ބަދަލެއް ފެންނަން ފެށުން ލަސްވުމުގެ ސަބަބުން، މޭ މަހު ބޭއްވުނު ލޯކަލް ގަވަރމަންޓް އިންތިޚާބުގައި ލޭބަރ ޕާޓީއަށް ބޮޑެތި ނާކާމިޔާބީތައް ކުރިމަތިވެ ، މިހާރުގެ ބޮޑުވަޒީރު ސްޓާމަރގެ އިތުބާރު ޕާޓީތެރޭގައި ވަނީ ގެއްލިފައެވެ.
ލޭބަރ ޕާޓީގެ އާ ލީޑަރަކަށް އަންނަފަރާތަކަށްވެސް ބޮޑެތި ގޮންޖެހުންތައް މިހާރު ކުރިމަތިވާނެކަމަށް ބެލެވެއެވެ. ސަބަބަކީ އަލަށް ހަވާލުވާ ފަރާތަކަށްވެސް ވާރުތަވާނީ ހަމަ އެ ބަލިކަށި އިގްތިސާދު ކަމަށްވުމުންނެވެ. އަދި އިގްތިސާދުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފައިވާ ގޮތުގައި، މިއަހަރު ޔޫކޭގެ އިގްތިސާދު ކުރިއަރާނީ އެންމެ 0.8 އިންސައްތައިގަ އެވެ. ކޮންފެޑެރޭޝަން އޮފް ބްރިޓިޝް އިންޑަސްޓްރީގެ ސީއީއޯ ރެއިން ނިއުޓަން ސްމިތު ވިދާޅުވި ގޮތުގައި، ބޮޑުވަޒީރު ބަދަލުވުމަކުން ޔޫކޭގެ އިގްތިސާދީ ގޮންޖެހުންތަކެއް ނެތިގެންނެއް ނުދާނެ އެވެ.
އިނގިރޭސިވިލާތަށް މިހާރު ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަމަށާއި، ދެން އަންނަ ބޮޑުވަޒީރަކުވެސް ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް ޔަގީންކަންދީ، ދިރިއުޅުމުގެ ފެންވަރު ރައްކާތެރިކުރުމަށްޓަކައި ތަންފީޒުކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.




