ވޯލްޑް ކަޕް ކޯހޯސްޓް ކެނެޑާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ވަރަށް ހިއްވަރުކޮށް ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ބޮސްނިއާ އެންޑް ހެރްޒްގޮވިނާއާ ދެކޮޅަށް ކެނެޑާއިން ކުޅުނު މެޗުގައި ކެނެޑާއަށް ލަނޑު ޖަހައިދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިލް ލާރިންއެވެ.
ކޯޗު ސާޖޭ ބާބަރޭޒްގެ އިރުޝާދުގެ ދަށުން ބޮސްނިއާގެ ކުޅުންތެރިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފުގައި ކޯނަރަކުން ސީދު ކޮލަސިނަކް ފޮނުވާލި ބޯޅައެއް ޖޯވޯ ލުކިޗް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައި ބޮސްނިއާއަށް ކުރިހޯދައިދިނެވެ.
ދެވަނަ ހާފު ފެށިގެން ކެނެޑާގެ އޮލުވަސޭއީ އާއި ރިޗީ ލަރިއާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައެވެ. ޚާއްޞަކޮށް ލަރިއާ ފޮނުވާލި ބޯޅަ ބޮސްނިއާގެ ކޮލަސިނަކް ވަނީ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. އަނެއްކޮޅުން، ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕޯ ވަނީ ބޮސްނިއާގެ އާމެޑިން ޑެމިރޮވިޗްގެ ނުރައްކާތެރި ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ކެނެޑާގެ ޖެސީ މާޝްގެ ޓީމުން ގެނައި ބަދަލުތަކާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ. މެޗުގެ 76 ވަނަ މިނެޓުގައި ކުޅެން އެރި ސައިލް ލާރިން ކުޅެން އެރިތާ އެންމެ ދެ މިނެޓު ތެރޭގައި، ޕްރޮމިސް ޑޭވިޑް ތަނަވަސްކޮށްދިން ފުރުސަތަކުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. އިތުރު ވަގުތުގައި މެޗުން މޮޅުވާނެ ފުރުސަތެއް ލާރިންއަށް ލިބުނު ނަމަވެސް، ބޮސްނިއާގެ ޑިފެންޑަރު ތާރިކް މުހަރެމޮވިޗް ވަނީ އެ ބޯޅަ ހުއްޓުވާފައެވެ.
މި ނަތީޖާއާއެކު ކެނެޑާއިން ވަނީ ވޯލްޑް ކަޕްގެ ފައިނަލް މުބާރާތްތަކުގައި ޖެހިޖެހިގެން ހަ މެޗުން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ.




