އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިއްޖެއެވެ. މި އިންތިހާބުގައި ރައީސް ނަޝީދުއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.
މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ރައީސް ނަޝީދު އުޅުއްވަނީ ވަރަށް ބޮޑު ކުރިއެރުމެއްގައެވެ. ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓި މި އިންތިހާބުގައި މިހާތަނަށް 95 ފޮށީގެ ނަތީޖާ ލިބިފައިވާއިރު، ނަޝީދަށް 4,722 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ވާދަވެރި މީކާއިލް ނަސީމަށް މިހާތަނަށް ލިބިވަޑައިގަތީ 1,850 ވޯޓެވެ. އެހެންކަމުން މިހާރުގެ ނަތީޖާއަށް ބަލާއިރު 2,872 ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ ރައީސް ނަޝީދެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 50,176 މީހުންނަށް ލިބިފައިވެއެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކާއި ރާއްޖެއިން ބޭރުގައި ގާއިމްކުރި 241 ވޯޓު މަރުކަޒެއްގައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ހަމައެކަނި އަވަށްޓެރި ސްރީ ލަންކާގައެވެ. އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ ސީދާ އަދަދު އަދި ސާފެއް ނުވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ އިދާރީ މަގާމެވެ. މިއީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރާ ހަ ވަނަ ފަހަރެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި ބޭފުޅާއެވެ.




