އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ވޯޓުލުމަށް ބުރޫއަރައިފިއެވެ.
ފިޔޯރީގައި ހަމަނުޖެހުން އުފެދުނީ މާލެއަށް ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު އެ ރަށު ފޮއްޓަށް ވޯޓުލާން އުޅުމުންނެވެ. އެ މައްސަލަ ހޫނުވެ ހިނގި ހަމަނުޖެހުމުގައި އެ ރަށު ވޯޓުފޮށި ވަނީ ފަޅާލާފައެވެ. އެހެންނަމަވެސް އެތަނުގައި ވޯޓުލުން އަދިވެސް ކުރިއަށްދާއިރު، އެ ފޮށީގެ ވޯޓުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭތީ ޝަކުވާ ބަލާ ބިއުރޯއިން ދަނީ އެކަން ބަލަމުންނެވެ.
ފީއަލީގައި މައްސަލަ ޖެހުނީ ވަކި ކެންޑިޑޭޓެއްގެ މަންދޫބުން، އަނެއް ކެންޑިޑޭޓުގެ މަންދޫބުން ބަލައިނުގަތުމުންނާއި، ވެބްސައިޓުގައި އޮތް ލިސްޓުގައި ނަން އޮތް މީހަކަށް ވޯޓު ނުލެވުނު މައްސަލައެއްގައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށު ވޯޓުފޮށި ވަނީ ޕާޓީގެ ހަރުގެއަށް ގެންގޮސް، ވޯޓުލުން މެދުކަނޑާލާފައެވެ. އެ ފޮށީގެ ވޯޓުތަކާ މެދު އަމަލުކުރާނެ ގޮތެއް ނިންމުމަށް ކޮމްޕްލެއިންޓްސް ބިއުރޯއިން ދަނީ މަޝްވަރާ ކުރަމުންނެވެ.
މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރުން ސްރީ ލަންކާގައި ވެސް ކުރިއަށްދެއެވެ. ޖުމްލަ 241 ވޯޓުފޮށި ބަހައްޓާފައިވާ މި އިންތިހާބުގެ ވޯޓުލުން މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
މި ފޯރިގަދަ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. މި އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދުކުރައްވަނީ މީކާއީލްއަށެވެ.




