މަޖީދީމަގު ހީނާމާގެ ޕާކިންޒޯން ކައިރީގައި ހުންނަ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް) ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓް ކޭބަލެއް ރޭ ވަގަށް ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވަގަށް ނަގާފައިވަނީ 50 ފޫޓުގެ ކޭބަލެކެވެ. މި ކޭބަލް ވަގަށް ނެގުމުގެ ސަބަބުން ރޭގެ ފަތިސް ނަމާދު އެ މިސްކިތުގައި ކުރަންޖެހުނީ ސައުންޑް ސިސްޓަމް ބޭނުންނުކޮށެވެ. ނަމަވެސް، މެންދުރު ނަމާދު ވަގުތުގެ ކުރިން ކޭބަލް އަލުން އެޅުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށާފައެވެ.
މި ވައްކަމުގެ މައްސަލަ މިހާރު ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ. މިސްކިތްތަކުން ތަކެތި ވަގަށް ނެގުމަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ކުރިމަތިވާ ބޮޑު މައްސަލައެކެވެ.
މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުން ހޯދައި، ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދޭންޖެހޭނެ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.




