ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް ނަސަންދުރަ ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ބޭނުންކުރުން މަނާކޮށްފައި އޮތުމަށްފަހު، ނަސަންދުރަ ކައިރި ޖެޓީއަށް ފެރީތައް ކައިރިކުރުމާއި ފަސިންޖަރުން އަރުވާ ބޭލުމުގެ ވަގުތީ ހުއްދައެއް އެމްޓީސީސީން ދީފިއެވެ.
އެމްޓީސީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ނަސަންދުރަ ކުރިމަތީ ޖެޓީ ސަރަހައްދަށް މީހުން އަރުވައި ބޭލުމުގެ ވަގުތީ ހުއްދަ ދިން ނަމަވެސް، އެ ސަރަހައްދުގެ މަގުމަތީގައި އެއްވެސް އެއްގަމު އުޅަނދަކަށް ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދު އާންމުކޮށް އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
އެމްޓީސީސީން ވަނީ އެ ސަރަހައްދު ބޭނުންކުރާއިރު އެ ކުންފުނީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 1650 އަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.
ބޮޑުތަކުރުފާނު މަގުގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅޭ ހިސާބުން ފެށިގެން، ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅޭ ކަންމައްޗާ ހަމައަށް މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.




