ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އަބްދުﷲ ޝުހާދު މަރާލި މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހަސަން ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމައާއި ބައްޕަ ސުޕްރީމް ކޯޓުގައި ބުނެފިއެވެ. ޝުހާދުގެ ވާރިސުން ކަމަށްވާ އޭނާގެ ބައްޕަ މުހައްމަދު ހުސެއިން އާއި މަންމަ ހަދީޖާ މުހައްމަދު މިގޮތަށް ބުނީ ފުވައްމުލަކު ކޯޓުގައި ތިބެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ޝަރިއަތުގައި ބައިވެރިވެއެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވަނީ ގަސްތުގައި މީހަކު މެރުމުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ތިން އުސޫލު ކަމަށްވާ ގިސާސް ހިފުން (މަރަށް މަރުހިފުން)، މަރުގެ ދިޔަ ދިނުން ނުވަތަ މާފުކުރުމާ ގުޅޭގޮތުން ވާރިސުންނަށް ބާރު ލިބިގެންވާ ގޮތް އޮޅުންފިލުއްވައިދެއްވާފައެވެ. އެކަންކަން ސާފުވުމުން އުއްތަމަ ފަނޑިޔާރު ވަކިވަކިން ކުރެއްވި ސުވާލަށް ޖަވާބުދެމުން ޝުހާދުގެ މަންމައާއި ބައްޕަވެސް ބުނީ ބޭނުންވަނީ ދައުލަތުގެ ކަމާބެހޭ އިދާރާ މެދުވެރިކޮށް ފަރީދުގެ ކިބައިން ގިސާސް ހިފުމަށް ކަމަށެވެ. ވާރިސުންގެ ބަސް ހޯދުމުގެ ކުރިން އެ މީހުންނާ ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ ފަރީދާ ސުވާލުކުރުމުން އޭނާ ބުނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.
މި މައްސަލައަކީ ޖެނުއަރީ 27، 2010 ވީ ރޭ ފުވައްމުލަކު ދޫނޑިގަން އަވަށުގެ މަގުމަތީގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު އަރިކައްޓަށް ފަރީދު ވަޅިން ހަމަލާދިނުމުން، ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް ޖެނުއަރީ 28 ވީ ރޭ ޝުހާދު މަރުވި މައްސަލައެވެ. މި މައްސަލައިގައި ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން 2015 ވަނަ އަހަރު ހުކުމްކުރިއިރު، ހައިކޯޓުންވެސް ވަނީ އެ ހުކުމް ދަމަހައްޓާފައެވެ. އޭގެފަހުން ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައި އޮންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފަހުން މައްސަލަ މެދުކެނޑުނީ ފަރީދަށް އަޑުއިވުމުގެ މައްސަލައެއް ދިމާވުމުންނެވެ. މިއަދުގެ އަޑުއެހުމުގައި އޭނާ ބައިވެރިވީ ހިއަރިން އެއިޑެއް އަޅައިގެންނެވެ.




