އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި ރޭ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މާލޭގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ، ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފްއެވެ. އޭނާއަކީ އއ. ހިމަންދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނަށް މާލެއިން ދިޔަ ޓީމުގައި ހިމެނޭ އޮފިސަރެކެވެ.
ފުލުހުން ބުނި ގޮތުގައި، އާސިފް މަރުވެފައި އޮއްވައި ފެނުނީ "ޕޮލިސް ލޯންޗް 57" ގައި އުޅެނިކޮށް އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު މޫދު އަޑިން ނަގައިގެން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ އިދާރާއިން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެ މުއައްސަސާއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.




