ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަމުގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ. ލާމަރުކަޒީ ގާނޫނު ބުނާގޮތުން އެލްޖީއޭގެ ރައީސްކަމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މި މަގާމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަކީ މީގެކުރިން ފިނޭންސް މިނިސްޓްރީއާއި، މީރާގެ އިތުރުން ވިލާ ކުންފުނީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން އޭނާ ހުންނެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
މި ސަރުކާރުގެ ފެށުމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ޑރ. މުހައްމަދު ޝަފީގެވެ. އޭނާ ސެޕްޓެމްބަރު 2024 ގައި މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމާ ހަވާލުވެވަޑައިގަތީ މޫސާ ޒަމީރެވެ. އޭގެފަހުން މިހާރު އެ ވުޒާރާ ހިންގެވުން ވަނީ ހަސަން ޒަރީރާ ހަވާލުކުރައްވާފައެވެ.
މި ވެރިކަމުގައި އެލްޖީއޭގެ ރައީސްކަން އެންމެ ފުރަތަމަ ކުރެއްވީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ކުރީގެ މިނިސްޓަރު އާދަމް ޝަރީފެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީ ވަނީ އުވާލާފައެވެ. މިހާރު އާދަމް ޝަރީފް އައްޔަންކުރައްވައިފައި ވަނީ ގަތަރުގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައެވެ.




