ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8.5 ކިލޯގެ ހަޝިޝް އޮއިލް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި މަސްތުވާތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން މިއަދު ވަނީ ހާމަކޮށްފައެވެ. ނަމަވެސް، މި ތަކެތި ރާއްޖެއަށް ގެނައީ ކޮން ގައުމަކުން ކަމެއް އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.
މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މިފަދަ އެހެން މައްސަލަތަކަށް ބަލާއިރު، މިދިޔަ މަހުގެ ފަހުކޮޅުވެސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މެތަމްފެޓަމިން ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ރުފިޔާއަށް އަރައެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ފޮރުވައިގެން ކަނޑުމަގުން 40 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.




