ރާއްޖޭގައި އުފައްދާ، އެތެރެކުރާ އަދި ބޭރުކުރާ ކާބޯތަކެތި ގަވާއިދާ ޚިލާފަށް ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 'ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު' މިއަދު ގެޒެޓުކޮށްފިއެވެ. މި އާ ގަވާއިދާއެކު މީގެކުރިން އަމަލުކުރަމުން އައި 'ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު' އުވިގެންދާނެއެވެ. އާ ގަވާއިދުގެ ދަށުން ލޭބަލް ނުކޮށް ނުވަތަ އޮޅުވާލައިގެން މުދާ ވިއްކުން މަނާވާއިރު، ކުރިން ބަންދުކޮށްފައިވާ ތަކެތި މި އާ މިންގަނޑަށް ފެއްތުމަށް ހަ މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި ގަވާއިދުގެ ދަށުން ލޭބަލްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް 10,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. މީގެއިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފި ނަމަ 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުން ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ލައިސެންސް ހިފެހެއްޓޭނެއެވެ. ކުށުގެ ސީރިއަސްކަމަށް ބަލައި ފުރަތަމަ ފަހަރުވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރެވޭއިރު، އެއީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ނަމަ ޖިނާއީ ދައުވާވެސް އުފުލާނެއެވެ.
ކާބޯތަކެތި ބަންދުކުރާ މެޓީރިއަލްއާ ގުޅޭގޮތުންވެސް މި ގަވާއިދުގައި ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ހަމައެކަނި 'ފުޑް ގްރޭޑަޑް' މެޓީރިއަލްއިންނެވެ. އަދި އެއީ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވެ، ކާބޯތަކެއްޗަށް ނޭދެވޭ ބަދަލެއް އަތުވެދާނެ އެއްޗަކަށް ވެގެން ނުވާނެއެވެ. މީގެއިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕެޓް ފުޅި ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީވެސް މަނާކަމެކެވެ. މި މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.




