އައްޑޫ ސިޓީ ހިތަދޫގެ މައި މަގުގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ ހިތަދުއަށް ނިސްބަތްވާ ރަމީޒު އަބްދުﷲ އެވެ. އޭނާއަށް އެންމެ ފުރަތަމަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ނަމަވެސް، ހާލު ނުހަނު ސީރިއަސްވުމުގެ ސަބަބުން އޭނާއަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، މަގުގެ ނުބައި ފަޅިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަޑުމަޑުން ދުއްވާފައި ދިޔަ ރަމީޒުގެ ސައިކަލުގައި ޖެހިގެންނެވެ. އެ ހާދިސާގައި ރަމީޒު ސައިކަލާއެކު ވިއްސައިގެން ގޮސް ވެއްޓި، އޭނާގެ ބޮލަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ރަމީޒުގެ އަނބިމީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ގޮތުގައި، އެކްސިޑެންޓުގެ ސަބަބުން ރަމީޒުގެ ސިކުނޑިއަށް ލޭ އެޅި، ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. މި ހާދިސާގައި އަނެއް ސައިކަލު ދުއްވި ދިވެހި ޒުވާނާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.
ރަމީޒު ނިޔާވި އިރު، އޭނާގެ އަންބަކާއި ތިން އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ. އެއް ކުއްޖަކީ އެހެން ކައިވެންޏަކަށް ރަމީޒަށް ލިބުނު ކުއްޖެކެވެ.




