ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވެފައިވަނީ މަގާމުން ވަކިވެވަޑައިގަންނަވަނީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ ސިންގަޕޫރުގައި މުހިންމު ސާޖަރީއެއްވެސް ކުރައްވާފައެވެ.
މި ސަރުކާރު އެންމެ ފުރަތަމަ ފެށުނުއިރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަމީރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވީ ސެޕްޓެމްބަރު 30، 2024 ގައެވެ. އޭގެފަހުން، މި އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީގެ ދަށަށް ޕަބްލިކް އެންޓަޕްރައިސަސް ބަދަލުކޮށް، އެ މިނިސްޓްރީގެ މެންޑޭޓް ބޮޑުކުރުމާއެކު ޒަމީރު ވެގެންދިޔައީ ކެބިނެޓުގައި އެންމެ ސީނިއާކޮށް މަސައްކަތް ކުރެއްވި އެއް މިނިސްޓަރަށެވެ. މީގެއިތުރުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައީސް އުފެއްދެވި ހާއްސަ ކޮމިޓީގެ ޗެއާގެ މަގާމާއި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަންވެސް ކުރެއްވީ އޭނާއެވެ.
ޒަމީރު އިސްތިއުފާ ދެއްވިއިރު، ރާއްޖޭގެ މާލީ ދާއިރާއިން ވަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ "ފިޗް" އިން ރާއްޖެއަށް ދީފައިވާ ރޭޓިން މިދިޔަ ހަފުތާގައި މަތިކޮށްފައިވާއިރު، މިދިޔަ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކްވެސް ރާއްޖެއިން ވަނީ ކާމިޔާބުކަމާއެކު ދައްކާ ޚަލާސްކޮށްފައެވެ.




