ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި، ބޭރުފުށުން ނޭނގޭ ނުކުޅެދުންތެރިކަން (ނަން-ވިޒިބަލް ޑިސްއެބިލިޓީސް) ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން 'ކާމް ރޫމް' އެއް ހުޅުވައިފިއެވެ.
މިއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޚާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންގެ ދަތުރުތައް ވީހާވެސް ފަސޭހަކޮށްދިނުމަށް ފެށި މަސައްކަތެކެވެ. "ބޮލި" ގެ ނަމުގައި ތައާރަފްކުރި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ދުނިޔޭގެ ބޮޑެތި އެއާޕޯޓުތަކުގައިވެސް ހުންނަ ފަދަ ސެންސަރީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި ކާމް ރޫމަކީ، އެއާޕޯޓުގެ ކޫއްލަ މާހައުލުގެ ސަބަބުން ކުދިންނަށް ނުވަތަ ފަސިންޖަރުންނަށް އުފެދޭ ނުތަނަވަސްކަން ކުޑަކޮށް، ހަމަޖެހުން ހޯދައިދޭނެ ތަނެކެވެ. މި ކޮޓަރީގައި ތަފާތު ކުޅިވަރުތަކާއި ސެންސަރީ އައިޓަމްތައް ހުންނައިރު، ފަސިންޖަރާއެކު އަންނަ ބެލެނިވެރިއަކަށް މަޑުކޮށްލައިގެން އިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއި ކާޑެއް ދޫކުރާނެއެވެ. މީގެ ސަބަބުން އެއާޕޯޓުގެ މުވައްޒަފުންނަށް އެއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއްކަން ފަސޭހައިން އެނގި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. އެމްއޭސީއެލްގެ އަމާޒަކީ އެއާޕޯޓުން ދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމެވެ.




