ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނަރަލުން (އެސްޖީ) ގެ ގާތް އާއިލީ ބޭފުޅުން ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން، މަސްލަހަތު ފުށުއަރާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ސިވިލް ސާވިސްގެ ގާނޫނު ބުނާގޮތުން އިދާރާއެއްގެ އިސްވެރިޔާ އާއި އެ ތަނެއްގެ މުވައްޒަފަކާ ދެމެދު ދެމަފިރިކަމުގެ ނުވަތަ އެއްބަނޑުއެއްބަފާކަމުގެ ފަދަ ގާތް އާއިލީ ގުޅުމެއް އޮވެގެން ނުވެއެވެ. ނަމަވެސް އައު ކައުންސިލަރުން ހުވާކުރުމާ އެކު ރާއްޖޭގެ ހަތަރު ރަށަކުން މިފަދަ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ.
މިގޮތުން ތ. ކިނބިދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ އެ ރަށު އެސްޖީގެ އެއްބަނޑުއެއްބަފާ ކޮއްކޮއެކެވެ. ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އެންމެ ފުރަތަމަ އެސްޖީ އެހެން ރަށަކަށް ބަދަލުކުރަން އުޅުނު ނަމަވެސް، ލިބުނު ޝަކުވާތަކާ ގުޅިގެން ފަހުން ނިންމީ ކުރީގެ އުސޫލަށް އަމަލުކުރުމަށެވެ. އެއީ އެސްޖީގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރުމަށްފަހު، ދައުރުގެ ބާކީ ބައިގައިވެސް އޭނާ އެ ކައުންސިލްގެ ވަޒީފާގައި ބެހެއްޓުމަށެވެ.
ކިނބިދޫގެ އިތުރުން ށ. ބިލެއްފަހީގެ އެސްޖީއާއި އަލަށް ހޮވުނު ރައީސަކީ ދެމަފިރިންނަށް ވާއިރު، ހދ. ހަނިމާދޫ ކައުންސިލްގެ އެސްޖީއަކަށް ހުންނެވީ އެ ރަށު ރައީސްގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ. މި ދެ ރަށުގެ އެސްޖީންނަށްވެސް އެހެން ރަށަކަށް ބަދަލުވުމުގެ ފުރުސަތު ސީއެސްސީން ދިނުމުން، އެ ބޭފުޅުން ނިންމެވީ ޒިންމާތަކުން އެކަހެރިވެގެން ނަމަވެސް އަމިއްލަ ރަށުގައި މަޑުކުރުމަށެވެ. މި މައްސަލަ ދިމާވި ހަތަރުވަނަ ރަށް ކަމަށްވާ ބ. ދަރަވަންދޫގެ އެސްޖީ ވަނީ އަމިއްލައަށް ބ. ތުޅާދޫ ކައުންސިލަށް ބަދަލުވާން ނިންމާފައެވެ.




