ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ގްރީން ފަންޑުން އަހަރަކު ހަތް މިލިއަން ރުފިޔާ ޚަރަދުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން އިޢުލާނު ކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ކޮންމެ އަހަރަކުވެސް ތިމާވެށީގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން އާންމުކޮށް ކަނޑައަޅާ ފައިސާގެ އިތުރުން ޚަރަދުކުރުމަށް ނިންމެވި ފައިސާއެކެވެ. މި ބަދަލާއެކު ފާއިތުވި އަހަރުތަކުގައި ގްރީން ފަންޑުން ތިމާވެށި ހިމާޔަތްކުރުމަށް ދެމުން އައި އަހަންމިއްޔަތުކަން އާ ހަރުފަތަކަށް އުފުލިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ނިންމެވުމެއް ނިންމެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އަހަރުން އަހަރަށް ޔަގީންކަމާއެކު ލިބޭނެ މާލީ ވަސީލަތްތައް ނެތުން ކަމެވެ. ރާއްޖެއަކީ ނާޒުކު ޖަޒީރާ ގައުމަކަށް ވެފައި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މޫސުން ގޯސްވުމާއި، ފަރުތަކަށް ލިބޭ ގެއްލުންތަކުގެ އަސަރު މިހާރުވެސް ތަހައްމަލު ކުރަމުންދާތީ، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް ގެނެސް ގައުމީ އަދި ފަރުދީ ފެންވަރުގައި މަސައްކަތް ކުރުން ވަނީ މަޖުބޫރުވެފައެވެ. އަދި ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަން މުޅިން ބިނާވެފައިވަނީ ސާފު ނޫކުލައިގެ މޫދާއި، ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، ވެލާކަހަނބާއި އެންމަޑި ފަދަ ކަނޑުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށްވުމުން، މި ގުދުރަތީ ވެށި ރައްކާތެރިކުރުމަކީ މުޅި ގައުމުގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ.
ގްރީން ފަންޑުން އަލަށް ކަނޑައެޅި މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށެވެ. މީގެ ތެރޭގައި އެ ސަރަހައްދުތައް މޮނިޓަކުރުމާއި، ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރުމާއި، ތިމާވެށީގެ ސައިންޓިފިކް ދިރާސާތައްކޮށް މައުލޫމާތު އާންމުކުރުން ހިމެނެއެވެ. މީގެ އިތުރުން، މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، މަދަނީ ޖަމިއްޔާތަކާއި ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކާ ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގައި، ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން މި މަސައްކަތުގައި އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.




