މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތީހައުސް / ތ. ތިމަރަފުށި، އަޙްމަދު ޖިނާޙު (43އ) އާއި، ސައިމާގެ / ހއ.ހޯރަފުށި، އަޙްމަދު ސަޢީދު (28އ) އާއި، ހައުސްޓަން / ގދ. މަޑަވެލި، މުޙައްމަދު އަނޫފް ޢަލީ (27އ) އާއި، އަބުމާގެ / ގދ. ހޯޑެއްދޫ، އަޙްމަދު މަޢީޝް ރަޝީދު (28އ) އެވެ.
ފުލުހުން ބުނީ މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޖިނާޙު (43އ) އާއި، އަޙްމަދު ސަޢީދު (28އ) 15 ދުވަހަށް ބަންދުކުރުމަށް އަދި މުޙައްމަދު އަނޫފް ޢަލީ (27އ) އާއި، އަޙްމަދު މަޢީޝް ރަޝީދު (28އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މޭ މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ފަސް އެޕާޓްމަންޓު ބަލައިފާސްކޮށްފައިވާއިރު، އެ ބަލައިފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




