މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގައި ތިބި ގައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން އެ ޖަލުގައި މެޑިކަލް ކޭމްޕެއް ހިންގައިފިއެވެ.
އެމްސީއެސް އިން ހާމަކުރާ ގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ މި މެޑިކަލް ކޭމްޕްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި ސަރޖަންއެއް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
އެގޮތުން މި ތިން ދާއިރާގެ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރކޮށްފައިވާ 41 ގައިދީންނާއި ބަންދުމީހުންނަށް ކޮންސަލްޓޭޝަން ފޯރުކޮށްދީފައިވާ ކަމަށް އެ ސަރވިސް އިން ހާމަކުރެއެވެ.
ކަރެކްޝަންސް އިން ބުނީ މި މެޑިކަލް ކޭމްޕް ހިންގުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ މީހުން ތިބުމާއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް އެހެން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިނުން ކަމަށާއި، މުސްތަޤްބަލުގައިވެސް މިފަދަ ކޭމްޕްތައް ޖަލުތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.




