ދިވެހި ފުލުހުންގެ ޚިދުމަތާއި މިޞްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު، ދާޚިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މިޞްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާއެވެ.
2026 މޭ 17 އިން 21 އަށް ކޮމިޝަނަރ އޮފް ޕޮލިސް މިޞްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާޚިލީ ސަލާމަތީ ޚިދުމަތުގައި ތަޖުރިބާ ހިއްސާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު މަޝްވަރާކުރައްވާފައިވެއެވެ.




