ސްރީލަންކާއަށް ޒިޔާރަތްކުރާ ދަތުރުވެރިން އެ ޤައުމަށް އެތެރެވުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) އެއް ހޯދަންޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.
މިގޮތުން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމުމާ ގުޅިގެން، މި މޭ މަހުގެ 25 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން ވެސް ސްރީލަންކާއަށް އެތެރެވުމުގެ ކުރިން އީޓީއޭ ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.
ސްރީލަންކާއަށް ޒިޔާރަތްކުރާ ކޮންމެ ދަތުރުވެރިޔަކުވެސް މި ލިންކު މެދުވެރިކޮށް، ދަތުރު ކުރުމުގެ ކުރިން އީޓީއޭ ފޯމް ފުރިހަމަ ކުރަން ޖެހެއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން ހޯދަން ޖެހުމުގެ ސަބަބުން، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
އެހެންކަމުން، ކުރިން ހަމަޖެހިފައިވާ ގޮތަށް ދިވެހިންނަށް އެއްވެސް ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށާއި، ސްރީލަންކާގެ އީޓީއޭ އާ ގުޅޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ވީމާ، ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހީން، އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން އީޓީއޭ ފޯމް ފުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.




