ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ދަސްވެނިންނަށް މަރުޙަބާ ދަންނަވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ޕްރޮގްރާމުން 63 ޒުވާނުން މިއަދު ދަަސްވެނިވެފައިވާ ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުން ކަމަށެވެ.
"މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމް.އެން.ޑީ.އެފް އާއި ޑިފެންްސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން"، ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށާއި، މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުން ކަމަށެވެ.
އަދި 4 މަސް ދުވަހުގެ މި ތަމްރީނު ހިންގާފައިވަނީ 15 ޖެނުއަރީ 2026 އިން ފެށިގެން އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ކަންވެސް ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު 1 ޖޫން 2026 ގައި ފެށިގެންދާނެ ކަމަށެވެ.




