ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރގެ ގޮތުގަ ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕާޓްނަރޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސަރފިންގ ޓީމުތަކުގެ ސްޕޮންސަރގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ ކަމަށާއި، ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ބީއެމްއެލް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނަރޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގައެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައި ވެއެވެ.
ބީއެމްއެލް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ބޭންކުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލަރޝިޕް" ޕްރޮގްރާމެއް ވެސް ހިންގައެވެ. މި ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލަރޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.




