މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ، އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) 25 އަހަރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
2026 މޭ 18 ވަނަ ދުވަހު ކޯޓުން އިއްވި މި ހުކުމުގައިވާ ގޮތުން، އަޙްމަދު ޢަބްދުލްހާދީގެ މައްޗަށް މި ކުށް ސާބިތުވެފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި ހުކުމާއެކު އޭނާ 100,000 (އެއްލައްކަ) ދިވެހި ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މިއީ 2022 މާރިޗު 4 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، އަޙްމަދު ޢަބްދުލްހާދީގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން ލިބުނު ކާމިޔާބީއެކެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށާއި، މިފަދަ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.




