ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެރީ ފޯރ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ސީޝެލްސްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ބެރީ ފޯރ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ދަތުރުފުޅަކީ ރާއްޖެއާއި ސީޝެލްސްގެ ގުޅުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދަތުރުފުޅެކެވެ. މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސީޝެލްސްގެ ޚާރިޖީ ވަޒީރު ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ ތެރޭގައި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ހާމަކޮށްދޭ ދަތުރުފުޅެކެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ދެޤައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ދެޤައުމުން ގެންގުޅޭ އަޒުމް މި ދަތުރުފުޅުގެ ސަބަބުން އަނެއްކާވެސް އާވެގެންދާނެއެވެ.




