ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާޢިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ.
Alert White for strong winds of 19 - 24 mph with gusts of 45 mph and rough seas. pic.twitter.com/PHOSo4UtBq
— Maldives Meteorology (@MetMaldives) May 13, 2026
އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އަންމުގޮތެއްގައި ގަދަވާނެކަމަށާއި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ބެލެވޭއިރު އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ.




