އިންޑިއާގެ ބިހާރު ސްޓޭޓްގެ މުޒައްފަރުޕޫރުގެ ނަރައުލީ ސަރަހައްދުގައި ހުންނަ ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓުން ހިންގާ ކުޑަކުދިންގެ ހޯސްޓަލަކުން 10 ކުދިން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
ގެއްލިފައިވަނީ އުމުރުން 11 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންތަކެކެވެ. މި ކުދިން ހޯސްޓަލުން ބޭރަށް ނުކުތީ ކިހިނެއް ކަމެއް އަދި އެކުދިން ގެއްލުނީ ކޮން ވަގުތަކު ކަމެއް އަދި ސާފެއް ނުވެއެވެ.
ޖުމްލަ 46 ކުދިން ދިރިއުޅޭ މި މަރުކަޒުން ކުދިންތަކެއް ގެއްލުމާ ގުޅިގެން، ފުލުހުން މިހާރު ދަނީ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާ ސުވާލުކޮށް މަޢުލޫމާތު ސާފުކުރަމުންނެވެ. އަދި އެ ސަރަހައްދުގެ ވަށައިގެންވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން، އެތަނުގެ ސަލާމަތީ ކަންކަމާއި މޮނިޓަރިންގ ސިސްޓަމް ހުރި ގޮތް ބަލައި، ހޯސްޓަލްގެ ސީސީޓީވީ ފޫޓޭޖްތައް ފުލުހުން ދަނީ ދިރާސާކުރަމުންނެވެ.
އެސްޑީއެމް އީސްޓް ތުޝާރު ކުމާރު ވިދާޅުވި ގޮތުގައި، މިހާތަނަށް ކުރެވުނު ތަހުގީގުން އެނގޭ ގޮތުގައި އެ ކުދިން ފިލާފައިވަނީ އާދީއްތަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެތަނުގެ ސަލާމަތީ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަލާމަތީ ކަންކަމުގައި އިހުމާލުވެފައިވާ މިންވަރު ބަލަމުން މިދަނީ. ތަހުގީގު ރިޕޯޓަށް ބިނާކޮށް އިތުރު ފިޔަވަޅުތައް އަޅާނަން،" ތުޝާރު ކުމާރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މުސޭހްރީ ޕޮލިސް ސްޓޭޝަނުގައި މިހާރު ވަނީ އެފްއައިއާރްއެއް ރަޖިސްޓްރީކޮށް، ރަސްމީކޮށް ތަހުގީގު ފަށާފައެވެ. އެ ހޯސްޓަލުން ގެއްލުނު ކުދިންގެ ތެރޭގައި އަޑުއިވުމުން މަހްރޫމްވެފައިވާ އަދި ވާހަކަ ނުދެއްކޭ ހަތަރު ކުދިން ވެސް ހިމެނެއެވެ.




