ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަދުވެގެން ހަތަރު މީހުން މަރުވެ، އަށް މީހުން ޒަޚަމްވެއްޖެ ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ބުނި ގޮތުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ މި ހަމަލާތަކުގައި، އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ ދެ މެޑިކްސް ވެސް ވަނީ ޒަޚަމްވެފައެވެ. މި ހާދިސާ ހިނގާފައިވަނީ ނަބަތިއާގެ ތޫލް ސަރަހައްދުގައި އިސްލާމިކް ހެލްތު ސޮސައިޓީގެ މަދަނީ ދިފާއީ ޓީމަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ.
މީގެ އިތުރުން، ނަބަތިއާގެ "އެއްބާ" އަވަށަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހުން ޝަހީދުވެ، ފަސް މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބިންތު ޖުބައިލްގެ "ހާރިސް" އަވަށުގައި ދުއްވާފައި ދިޔަ ކާރަކަށް ޑްރޯން ހަމަލާއެއް ދީ އެކަކު ޝަހީދުކޮށްލާފައިވާ އިރު، އޭނާގެ ކޮއްކޮ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ސަޖްދުގައި ހުރި ކުރީގެ މުނިސިޕަލް ރައީސެއްގެ ގެއަށްވެސް ހަމަލާދީފައިވާ އިރު، ކަފްރް ރޫމާން އަދި ސަފަދު އަލް ބައްތީޚް ސަރަހައްދުތަކަށް ވެސް ހަމަލާތައް ވަނީ އަމާޒުވެފައެވެ. މި ހަމަލާތަކުގެ ކުރިން އިޒްރޭލު ސިފައިން ވަނީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ ނުވަ އަވަށަކުން މީހުން ހުސްކުރުމަށް އަމުރުކޮށް، ބިރުދައްކާފައެވެ. މީގެ ތެރޭގައި ރިހާން، ޖަރުޖޫ، ކަފްރް ރޫމާން، އަދި މަޝްޣަރާ ފަދަ ރަށްތައް ހިމެނެއެވެ.
އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު އަވިޗޭ އަދުރާއީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ސަރަހައްދުތަކުގައި ހިޒްބުاللهގެ ވަސީލަތްތައް ހުރުމުގެ ސަބަބުން ރައްޔިތުން އެ ތަންތަން ދޫކޮށް ދާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ހިޒްބުالله އިން ފޮނުވާލި ޑްރޯން ހަމަލާއެއްގައި އިޒްރޭލުގެ ސިފައިންގެ މީހަކު މަރުވެ، އިތުރު ތިން ސިފައިން ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުން ވަނީ އެއްބަސްވެފައެވެ.
އޭޕްރީލް 17 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލުން ދަނީ މެދުނުކެނޑި ލުބުނާނަށް ހަމަލާދީ އެއްބަސްވުމާ ޚިލާފުވަމުންނެވެ. ލުބުނާނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 2,840 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 8,700 އެއްހާ މީހުން ޒަޚަމްވެފައިވެއެވެ. އަދި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.
މި މައްސަލާގައި އެމެރިކާގެ ވޮޝިންގޓަންގައި ސުލްހައިގެ ވާހަކަތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ހިޒްބުالله އިން ވަނީ އެ ވާހަކަތަކުގައި ލުބުނާނު ސަރުކާރުން ބައިވެރިވާތީ އެކަމަށް ފާޑުކިޔާފައެވެ.




