ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗެއް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ރޭ ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިޤްތިޞާދީ އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ގޮތްޕެއް ޤާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
'' އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް ލިބިގެންގޮސްފައި މިހާރު މިވަނީ، ދެ ޤައުމުގެ ވިޔަފާރިއަށް ބަލާއިރު، އަދި އެ ނޫން ގޮތްގޮތުން ބަލާއިރުވެސް. ރާއްޖޭގެ ބޭންކް- ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް މިތާ ހުޅުވުމަށް މިހާރު ކުރެވެމުންދާ މަސައްކަތަށް، އުންމީދީ އަލިމަގެއް ވަނީ ފެނިގެން ގޮސްފައި އިރާދަކުރެއްވިއްޔާ'' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއެކުވެސް ގާތްގުޅުމެއް ބޭއްވެވުމަކީ އެމަނިކުފާނު އިސްކަން ދެއްވާ ކަމެކެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާއެކު ވަގުތު ހޭދަކުރެއްވުމަށް އެމަނިކުފާނު ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވައެވެ.




