މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. ވޭމަންޑުއާއި ބުރުނީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން ބުނީ މި ދެ އޮޕަރޭޝަންގެ ތެރެއިން ބުރުނީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މިގޮތުން އެޕްރީލް 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، ބުރުނީ ބަނދަރު ސަރަހައްދުގައި ވެރިއަކު ނެތި ބަހައްޓާފައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވަ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 11 ގުރާމު ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފަައެއް ނުވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ވޭމަންޑޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މިގޮތުން އެޕްރީލް 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، މީހަކު ހުއްޓުވައިބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުުކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




