މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ޝަކުވާ ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ގޮތަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އާ ގަވާއިދެއް އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު" ގެ ނަމުގައި އެކުލަވައިލި މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ކޮންޓެންޓާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބެލުމެވެ. ގެޒެޓްކުރެވުމާ އެކު މި ގަވާއިދަށް މިއަދުން ފެށިގެން ޢަމަލުކުރަން ވަނީ ފަށައިފައެވެ.
މި ގަވާއިދުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލޭނެއެވެ. މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހޭ އިރު، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގައި ކަންކަން އިޞްލާޙުކުރަން އެންގުމާއި އާންމުކޮށް މާފަށް އެދެން އެންގުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ. ކޮމިޝަނުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ ހަތް ދުވަހުގެ ތެރޭގައި މުރާޖަޢާ އަށް ހުށަހެޅޭނެއެވެ. އަދި ކޮމިޝަނުގެ ނިންމުމަކުން ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ދެކޭ ނަމަ ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅިދާނެއެވެ.







