ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި ޖަމިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހުޅުވާލައިފިއެވެ.
މި ދުވަސް ރާއްޖޭގައި ވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދެއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، މި އަހަރު މި ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" ކަމަށެވެ.
އެ އިދާރާއިން ބުނީ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައިވެސް "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"ގެ ނަމުގައި ޢިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ މީހުންނާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑްތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ، އަދި ވަކީން ޚާއްސަކޮށް އެ އަހަރެއްގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުން ހުރި މަސައްކަތްތައް ކޮށްފައިވާ އަދި ކުރަމުންދާ ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިދާރާތަކަށް އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެޗްޕީއޭއިން ބުނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު، އެވޯޑަށް އެދި މެއިލް ކުރެވޭނެ ކަމަށެވެ.







