މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ. ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް، 2026 އޭޕްރީލް 08 ވަނަ ދުވަހުގެ ރޭ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުމާ ގުޅިގެން ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






