މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރުކޮށްފިއެެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ހަނީސީޒަން ، މުޙައްމަދު މާހިރު (36އ) އާއި ސ. ހުޅުދޫ / ސޯސަން، ޢަލީ އީޝާދު (32އ) އާއި މާލެ / ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި ޅ. ހިންނަވަރު / ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) އާއި ލ. ގަން / މުކުރިމަގު. މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ޢަލީ އީޝާދުއާއި، މުޙައްމަދު މާހިރުއާއި، ޢަބްދުލްމާޖިދު އިބްރާހީމްއާއި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހަށް އަދި އާހިލް ޢަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






