މާލެ ސަރަަހައްދަށް ސަރުކާރުން ރޭ ތައާރަފުކުރި ޓެކްސީގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ ދޭން އެމްޓީސީސީން މިއަދު ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ ޓެކްސީލައިންގެ ކާރަކަށް އެދުމުން، އެ މީހަކާ އެންމެ ކައިރީގައި އޮންނަ ކާރެއް ހަމަޖައްސާނެ ކަމަށެވެ. އެ ދަތުރުތަކަށް ނަގާނީ ޓްރާންސްޕޯޓު މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. ރެއިން ފެށިގެން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ.
މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެއެވެ. ޚިދުމަތަށް ޚާއްޞަ ހޮޓްލައިން، 1655 ވެސް ރޭ ވަނީ ތަޢާރަފުކުރައްވާފައެވެ.






