ޔުގަންޑާގެ ވެރިރަށް ކަމްޕާލާގެ ނާސަރީ ސްކޫލެއްގައި ތޫނު އެއްޗަކުން ހަމަލާދީ، ހަތަރު ކުޑަކުދިން މަރާލައިފިއެވެ.
ކަމްޕާލާ ސިޓީގެ މަކިންޑްޔޭ ޑިވިޜަންގައި ހުންނަ "ގަބާ އާލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ސްކޫލުގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، އުމުރުން 34 އަހަރުގެ ފިރިހެނަކު އެ ސްކޫލަށް ވަދެ ދިން ރަހުމުކުޑަ ހަމަލާތަކެއްގައި މަރުވެފައިވަނީ އެއް އަންހެން ކުއްޖަކާއި ތިން ފިރިހެން ކުދިން ކަމަށެވެ.
މި ހާދިސާ ހިނގި ގޮތުގެ ތަފްސީލު ހާމަކުރަމުން އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހާ ސްކޫލަށް ވަދެފައިވަނީ ބެލެނިވެރިއެއްގެ ގޮތުގައެވެ. އޭނާ ފުރަތަމަ ސްކޫލުގެ އިދާރީ އޮފީހަށް ވަދެ، އެތަނުގައި ހުރި އިސްވެރިޔަކާ ވާހަކަދެއްކުމަށްފަހު، ބޭރަށް ނުކުމެ ސްކޫލުގެ ގޭޓު ތަޅުލިއެވެ. އެއަށްފަހު، ތޫނު އެއްޗަކުން އެކި ކުދިންނަށް ހަމަލާދޭން ފެށިއެވެ.
މި ނުރައްކާތެރި ހަމަލާ ދެމުންދަނިކޮށް އޭނާ ހުއްޓުވާފައިވަނީ އެ ސަރަހައްދުގައި ހުރި ޗާޗެއްގެ ސެކިއުރިޓީ ގާޑެކެވެ. ފުލުހުން މިހާރު ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ. ނަމަވެސް، މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ކަމްޕާލާގެ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، ހަމަލާދިން މީހާއަށް އަދަބު ދިނުމަށް އެދި ސްކޫލް ކައިރިއަށް އެއްވި ރުޅިގަދަވެފައިވާ އާންމުން ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް ޖެހުނީ ވައިގެ ތެރެއަށް ބަޑިޖަހާށެވެ.
ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކަމްޕާލާގައި މިފަދަ ހަމަލާތަކަކީ ވަރަށް މަދުން ނޫނީ ނުހިނގާ ހާދިސާތަކެކެވެ.







