އީރާނުގެ އިމަޖެންސީ މެޑިކަލް ސާވިސަސް އޯގަނައިޒޭޝަނުން ހާމަކުރި ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން އެ ޤައުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އީރާނުގެ ޞިއްޙީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ އިދާރާގެ އިސްވެރިޔާ ދެއްވި އަދާހަމަ މަޢުލޫމާތުތަކަށް ބަލާއިރު، ހަނގުރާމައިގެ ތެރޭގައި ޚިދުމަތް ދެމުންދަނިކޮށް މިހާތަނަށް މަދުވެގެން 24 ޞިއްޙީ މަސައްކަތްތެރިން ވަނީ މަރާލައިފައެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެކްނީޝަނުންގެ އިތުރުން މެޑިކަލް އަދި ފުޑް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.
ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް މެދުނުކެނޑި ދެމުންދާ މި ޙަމަލާތަކުގައި 114 އަށްވުރެ ގިނަ މަސައްކަތްތެރިން ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ހިމެނޭ 74 މީހުންނަކީ އީ.އެމް.އެސް 115 ގެ ރެސްޕޮންޑަރުންނެވެ. އެމީހުން ޒަޚަމްވީ ހަނގުރާމައިގެ މައިދާނުގައި އަނިޔާލިބޭ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
މީގެ އިތުރުން، އީރާނުގެ ޞިއްޙީ އިންފްރާސްޓްރަކްޗަރަށް ދީފައިވާ ޙަމަލާތަކުގައި 330 އަށްވުރެ ގިނަ ޞިއްޙީ މަރުކަޒުތަކާއި ތަންތަނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ހެލިކޮޕްޓަރެއްވެސް މި ޙަމަލާތަކުގައި ވަނީ ހަލާކުކޮށްލާފައެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް، ޞިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތަކަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ރޭވުންތެރި ޙަމަލާތަކެކެވެ.






